Saturday, February 1, 2014

Press Release regarding the demolition of Fandiyaaru Miskiy

2 ފެބްރުއަރީ 2014
ނޫސްބަޔާން
މާލޭގައި ހުރި 268 އަހަރަށްވުރެ ގިނަ ދުވަސްވީ ފަނޑިޔާރު މިސްކިތް ތަޅާލާއިފި

މާލޭގައި ހުރި 268 އަހަރަށްވުރެ ގިނަ ދުވަސްވީ ފަނޑިޔާރު މިސްކިތް ތަޅާލުމާއި ގުޅިގެން 'ރިވައިވް' ޖަމްޢިއްޔާއިން މިކަންތައް  ހަރުކަށި އިބާރާތުން ކުށްވެރިކޮށް ހިތާމަ ފާޅުކުރަމެވެ. ބުނެވޭ ގޮތުގައި މި މިސްކިތަކީ އަލްޤާޒީ މުހައްމަދު މުޙިއްބުއްދީން ޝައިހުލް އިސްލާމް ފަނޑިޔާރު މަނިކުފާނު ބިނާކުރެއްވި މިސްކިތެކެވެ. އަލްޤާޒީ މުހައްމަދު މުޙިއްބުއްދީން ފަނޑިޔާރު ކަލޭގެފާނަކީ ހަސަން ތާޖުއްދީންގެ ހުސައިން އަފީފުއްދީންގެ ދަރިކަލުންނެވެ. އަލްޤާޒީ މުހައްމަދު މުހިއްބުއްދީންއަށް ފުރަމާލޭގެ ޚަތީބުކަން ދެއްވީ މީލާދީން 1740 ވަނައަހަރުއެވެ. އަދި ބަންޑާރަ ނައިބުކަން ދެއްވީ 1 މާރޗް 1747 ވަނަ އަހަރުއެވެ. މި ތާރީޚްތަކަށް ބަލާއިރު މި މިސްކިތަށް މިހާރު  މަދުވެގެން 268 އަހަރު ވެއްޖެއެވެ. މި މިސްކިތް 1 އޯގަސްޓް 1922 ވަނަ އަހަރު މަރާމާތުކުރެވުނެވެ.
މި މިސްކިތާއި ގުޅިފައިވާ ބޮޑު ގަބުރުސްތާން އުވާލައި 1970 ވަނަ އަހަރު ގޯތި ދެއްވަން ފެއްޓެވިއެވެ. މިސްކިތާ ގުޅިފައިވާ ގަބުރުސްތާނުގައި ގޯތި ދިންއިރު ތަޅާނުލާ ހުރި ކުފުރުވި ހަނދޭގިރިންގެ 7 ފޫޓް ދިގު މަހާނަގާ ވަނީ ވަރަށް ފަހުން ތަޅާލާފައެވެ. މިފަދަ އެހެން މަހާނަގާތައް ހުރީ ހަމައެކަނި ސ. މީދޫ ކޯގަންނު ގަބުރުސްތާނުގައެވެ.

މި ޖަމިއްޔާއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މުސްކުޅި ފަނޑިޔާރު މިސްކިތްތަޅާލައި އެ ބިމުގައި އާ މިސްކިތެއް ބިނާކުރުމަށް ހުއްދަ ދެއްވީ މާލޭ ސިޓީ ކައުންސިލުންނެވެ. މި މިސްކިތް ތަޅާލިއިރު ދިވެހި ރާއްޖޭގެ ހެރިޓޭޖް ޑިޕާރޓްމަންޓާއި ސަރުކާރުގެ އެހެން ކަމާ ބެހޭ އިދާރާތަކަށް މިކަން އަންގާފައިނުވާކަން ހިތާމަޔާއެކު ފާހަގަކުރަމެވެ.

މާލޭގައި ހުރި 270 އަހަރުވީ އާޘާރީ ބިނާއެއް ތަޅާލުމުން، ދިވެހިރާއްޖޭގެ ތާރީޚާއި ޘަގާފަތް ހިމާޔަތްކުރުމަށް ޒުވާނުން އިސްނަގައިގެން އުފައްދާފައިވާ މި ޖަމިއްޔާއިން ހިތާމަފާޅުކުރަމެވެ. މިއަދު ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަކުރަމުން ދާއިރު ދިވެހި ރާއްޖޭގެ އިސްލާމީ އާޡާރީ ބިނާތައް ނައްތާލެވެމުންދާތީ މި ޖަމިއްޔާއިން ނިހާޔަތަށް ކަންބޮޑުވެއެވެ. މި ޖަމިއްޔާއިން ކަމާ ބެހޭފަރާތްތަކަށް ގޮވާލަނީ މިސްކިތްހުރި ސަރަހައްދު ކޮނުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު ހެރިޓޭޖް ޑިޕާރޓްމަންޓުގެ ބެލެމުގެ ދަށުން އެ އިދާރާއިން އަންގާގޮތެއްގެ މަތިން މެނުވީ ކުރިއަށް ނުގެންދިއުމަށެވެ. މީގެކުރިންވެސް ތަޅާލައި އަލުން މިސްކިތް ބިނާކުރުރުމަށް ކޮނުނު ބައެއް ހިސާބު ތަކުން އަޘާރީ ތަކެތިފެނިފައި ވެއެވެ. މި ގޮތުން މައްޗަންގޮޅީ ބާ މިސްކިތް، މިހާރުގެ މަސްޖިދުލް ޒިކުރާ އަލުން ބިނާކުރުމަށް ކޮނުނު އިރު ގަދީމީ އާޘާރުތަކެއް ފެނިފައިވެއެވެ.

79/27 ދިވެހިރާއްޖޭގައި ހުރި އާސާރީ ތަންތަނާއި ތަކެއްޗާއި ބެހޭ ގާނޫނާއި ޔުނެސްކޯގެ ކޮންވެންޝަން ކޮންސާރނިންގ ދަ ޕްރޮޓެކްޝަން އޮފް ވޯލްޑް ކަލްޗަރަލް އެންޑް ނެޗުރަލް ހެރިޓޭޖްގެ ދަށުންވެސް މިފަދަ އާޘާރީ ބިނާތަކަށް ސަރުކާރުން ހިމާޔަތްދޭންޖެހޭކަން މިފުރުސަތުގައި ފާހަގަކުރަމެވެ. މިގޮތުން އިސްވެދެންނެވުނު 79/27 ވަނަ ގާނޫނުގައި ދިވެހިރާއްޖޭގެ ސަރަހައްދުގެ ތެރޭގައި ހުރި އާސާރީ ތަންތަނާއި ތަކެތި ރޫޅާ ހަލާކުކޮށް ގެއްލުންދިނުމަކީ މަނާކަމެއް ކަމުގައި ވަނީ ކަނޑައަޅާފައެވެ. އަދި އާސާރީ ތަންތަނަކީ، ރާއްޖޭގައި އުޅުނު ދިވެހިން ނުވަތަ ބެދޭސީންގެ ބަޔަކުވިޔަސް، ވޭތުވެދިޔަ ޒަމާނުގައި، އެއެއްޗެއްގެ ބޭނުންކޮށްފައިވި، އަދި އެއެއްޗަކުން ރާއްޖޭގައި އުޅުނުމީހުންނާއި އެމީހުންގެ ހަޔާތާއި ބެހޭގޮތުން އަލިއަޅުވައިދޭ ކޮންމެ އެއްޗެއް ކަމުގައި ބަޔާންކޮށްފައިވީ ހިނދު، ގާނޫނުގެ ތަރަހައިން ބޭރުން މި މިސްކިތް ތަޅާލި މައްސަލަ ބައްލަވާ ފިޔަވަޅުއެޅުއްވުމަށް ދިވެހި ފުލުހުންނަށާއި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށާއި ސަރުކާރުގެ ކަމާ ބެހޭ އެންމެހާ އިދާރާތަކުން މި ޖަމްޢިއްޔާއިން ގޮވާލަމެވެ. އަދި މިފަދަ ކަންތައް ތަކުރާވިޔަ ނުދިނުމަށްޓަކައި  ދިވެހިރާއްޖޭގެ އާޘާރީ ތަރިކަ ހިމާޔަތް ކުރުމާއި ބެހޭ ބިލް ވީ އެންމެ އަވަހަކަށް ފާސްކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ގޮވާލަމެވެ.


 ގާނޫނު
http://www.mvlaw.gov.mv/pdf/ganoon/chapterII/27-79.pdf


No comments:

Post a Comment