Tuesday, July 23, 2013

Press Release : All Staff of National Museum and Heritage Department has signed the petition calling President Waheed to reconsider his decision to host a reception at National Museum


23 ޖުލައި 2013

ނޫސް ބަޔާން

ދާއިމީ ކަލެކްޝަން އެއްތަނުން އަނެއްތަނަށް ނުގެންދިއުމަށް ކުރާ އިލްތިމާސްގައި ދާރުލްއާސާރުގެ ހުރިހާ މުވައްޒަފުން ސޮއިކޮށްފި

ޤައުމީ ދާރުލްއާސާރުގެ ދާއިމީ ކަލެކްޝަން އެއްތަނުން އަނެއް ތަނަށް ބަދަލުކުރުމަކީ އެތަނުގައި ހުރި ތަކެއްޗަށް އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބިދާނެ ކަމެއް ކަމަށް ވުމާއިއެކުގައި، އެގޮތަށް ދާއިމީ ކަލެކްޝަން އެހެން ތަނަކަށް ގެންދިއުމަށްފަހު މިއަހަރުގެ މިނިވަން ދުވަހުގެ ޙަފުލާ ދާރުލްއާސާރުގައި ބޭއްވުމަށް ސަރުކާރުން ގެންގުޅުއްވާ ވިސްނުން ދޫކޮށްލެއްވުން އެދި ރިވައިވް ޖަމްޢިއްޔާއިން މިއަދު ފައްޓާފައިވާ ޕެޓިޝަނުގައި ދާރުލްއާސާރުގެ މުވައްޒަފުން ސޮއިކޮށްފިއެވެ.

2013 ވަނަ އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލުޖުމްހޫރިއްޔާ ޑރ.މުހަންމަދު ވަހީދު ހަސަން މަނިކު ދެއްވާ ރިސެޕްޝަނެއް ގައުމީ ދާރުލްއާސާރުގެ އެގްޒިބިޝަން ހޯލުގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި ހަފްލާ ބޭއްވުމަށްޓަކައި، މިދިޔަ އަހަރެކޭވެސް އެއްފަދައިން ވަނީ ޤައުމީ ދާރުލްއާސާރުގެ ދާއިމީ ކަލެކްޝަންގައި ހުރި ތަކެތި އެއްތަނުން އަނެއްތަނަށް ބަދަލުކުރުމަށްވަނީ ހަމަޖެހިފައެވެ. މިގޮތަށް އެއްތަނުން އަނެއްތަނަށް މިފަދަ ތަކެތި ބަދަލުކުރުމަކީ، އަދު އެތަކެތި ހުރި ހާލަތަށް ބަލާފައި އެއްގޮތަކަށްވެސް ކޮށްގެންވާނޭ ކަމެއް ނޫނެވެ. މިހެން މިގޮތަށް ތަކެތި ބަދަލުކުރުމަކީ، މިކަމުގެ ތަޖުރިބާކާރުންވެސް ދެކޮޅުހައްދަވާ ކަމެކެވެ. މީގެ، އިތުރުން މިފަދަ ހަފްލާތަކަކީ، އެއްވެސް ގައުމެއްގެ ދާރުލްއާސާރުގެ ދާއިމީ ކަލްކްޝަން ބަހައްޓާފައިވާ ހޯލެއްގައި ކުރާ ކަމެއް ނޫނެވެ.
ޕެޓިޝަންގައި ސޮއިކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ދިވެހިރާއްޖޭގައި މިވަގުތު ހުރި ހަމައެކަނި ދިވެހި އާކިއޮލޮޖިސްޓް ވެސް ހިމެނޭކަން މިޖަމްޢިއްޔާއިން ފާހަގަކުރަމެވެ.

އަޅުގަނޑުމެންގެ އެދުމަކީ، މާލޭގައި މިފަދަ ހަފްލާތައް ބާއްވަން އެކަށީގެންވާ ގިނަ މާލަމްތައް ހުރުމާއެކު، މިނިވަން ދުވަހުގެ ހަފްލާ އަދި މިނޫންވެސް އެއްވެސް ހަފްލާއެއް ޤައުމީ ދާރުލްއާސާރުގެ ދާއިމީ ކަލެކްޝަން ހުރި ތަނުގައި ނުބޭއްވުމާއި ދާއިމީ ކަލެކްޝަން އެއްތަނުން އަނެއްތަނަށް ބަދަލުކުރުން ހުއްޓާލުމެވެ.

Monday, July 22, 2013

ނޫސްބަޔާން

22 ޖުލައި 2013

ނޫސްބަޔާން
ޤައުމީ ދާރުލްއާސާރުގެ ދާއިމީ ކަލެކްޝަން އެއްތަނުން އަނެއްތަނަށް ބަދަލުކޮށްހެދުމަކީ ރަނގަޅުކަމެއް ނޫން

މިއަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ރަސްމީ ހަފްލާއެއް ޤައުމީ ދާރުލްއާސާރުގައި ބޭއްވުމަށްޓަކައި އެތާންގައި ބަހައްޓާފައިވާ ދާއިމީ ކަލެކްޝަން އެހެންތަނަކަށް ވަގުތީގޮތުން ބަދަލުކުރުމުގެ ވިސްނުމެއް ރަސްމީ ފަރާތްތަކުން ގެންގުޅުއްވާކަމަށް އަޅުގަނޑުމެންނަށްވަނީ މައުލޫމާތު ލިބިފައެވެ.އެފަދަ ވިސްނުމެއް އެގޮތަށް ގެންގުޅުއްވާނަމަ އެއީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ ކަމެކެވެ.

މިކަމުގެ ތަޖުރިބާކާރުން ވިދާޅުވާގޮތުގައި މިގޮތަށް އެއްތަނުން އަނެއްތަނަށް މިފަދަ އާސާރީ ތަރިކަ ބަދަލުކުރުމަކީ އެތަކެއްޗަށް އިއާދަނުކުރެވޭފަދަ ބޮޑެތި ގެއްލުންތައް ލިބޭނެ ކަމެކެވެ. މީގެ އިތުރުން، މިފަދަ ހަފްލާތައް ބާއްވަން އެކަށީގެންވާ ގިނަ މާލަންތައް މާލޭގައި ހުރުމާއެކު، ދާރުލްއާސާރުގެ ދާއިމީ ކަލެކްޝަން އެއްތަނުން އަނެއްތަނަށް ބަދަލުކޮށްގެން އެތަނުގައި މިފަދަ ހަފްލާއެއް  ބޭއްވުމަކީ މި ޖަމްޢިއްޔާއަށް އެއްގޮތަކަށްވެސް ގަބޫލުކުރެވޭނޭ ކަމެއް ނޫނެވެ.
              
މީގެ ކުރިންވެސް ޤައުމީ ދާރުލްއާސާރުގެ ދާއިމީ ކަލެކްޝަން އެއްތަނުން އަނެއްތަނަށް ބަދަލަކޮށް މިފަދަ ހަފްލާތަށް ދައުލަތުގެ ފަރާތުން ބާއްވާފައިވާކަން ހިތާމައާއި އެކު ފާހަގަކުރަމެވެ. މިފަދަ ކަންކަމަކީ، ދިވެހިރާއްޖޭގެ އާސާރީ ތަރިކައާއި ތާރީހަށް އިއާދަނުކުރެވޭނޭފަދަ ގެއްލުން ލިބޭނެ ކަމެއްކަމަށް މި ޖަމްޢިއްޔާއަށް ފެންނާތީ، މިގޮތަށް ކަންތައް ނުކުރުމަށް ދައުލަތުގެ އެންމެހާ އިދާރާތަކަށް އިލްތިމާސްކުރަމެވެ.