22 ޖުލައި 2013
ނޫސްބަޔާން
ޤައުމީ ދާރުލްއާސާރުގެ ދާއިމީ ކަލެކްޝަން
އެއްތަނުން އަނެއްތަނަށް ބަދަލުކޮށްހެދުމަކީ ރަނގަޅުކަމެއް ނޫން
މިއަހަރުގެ މިނިވަން ދުވަސް
ފާހަގަކުރުމުގެ ގޮތުން ބާއްވާ ރަސްމީ ހަފްލާއެއް ޤައުމީ ދާރުލްއާސާރުގައި
ބޭއްވުމަށްޓަކައި އެތާންގައި ބަހައްޓާފައިވާ ދާއިމީ ކަލެކްޝަން އެހެންތަނަކަށް
ވަގުތީގޮތުން ބަދަލުކުރުމުގެ ވިސްނުމެއް ރަސްމީ ފަރާތްތަކުން ގެންގުޅުއްވާކަމަށް
އަޅުގަނޑުމެންނަށްވަނީ މައުލޫމާތު ލިބިފައެވެ.އެފަދަ ވިސްނުމެއް އެގޮތަށް
ގެންގުޅުއްވާނަމަ އެއީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ ކަމެކެވެ.
މިކަމުގެ ތަޖުރިބާކާރުން
ވިދާޅުވާގޮތުގައި މިގޮތަށް އެއްތަނުން އަނެއްތަނަށް މިފަދަ އާސާރީ ތަރިކަ
ބަދަލުކުރުމަކީ އެތަކެއްޗަށް އިއާދަނުކުރެވޭފަދަ ބޮޑެތި ގެއްލުންތައް ލިބޭނެ
ކަމެކެވެ. މީގެ އިތުރުން، މިފަދަ ހަފްލާތައް ބާއްވަން އެކަށީގެންވާ ގިނަ
މާލަންތައް މާލޭގައި ހުރުމާއެކު، ދާރުލްއާސާރުގެ ދާއިމީ ކަލެކްޝަން އެއްތަނުން
އަނެއްތަނަށް ބަދަލުކޮށްގެން އެތަނުގައި މިފަދަ ހަފްލާއެއް ބޭއްވުމަކީ މި ޖަމްޢިއްޔާއަށް އެއްގޮތަކަށްވެސް
ގަބޫލުކުރެވޭނޭ ކަމެއް ނޫނެވެ.
މީގެ ކުރިންވެސް ޤައުމީ
ދާރުލްއާސާރުގެ ދާއިމީ ކަލެކްޝަން އެއްތަނުން އަނެއްތަނަށް ބަދަލަކޮށް މިފަދަ
ހަފްލާތަށް ދައުލަތުގެ ފަރާތުން ބާއްވާފައިވާކަން ހިތާމައާއި އެކު ފާހަގަކުރަމެވެ.
މިފަދަ ކަންކަމަކީ، ދިވެހިރާއްޖޭގެ
އާސާރީ ތަރިކައާއި ތާރީހަށް އިއާދަނުކުރެވޭނޭފަދަ ގެއްލުން ލިބޭނެ ކަމެއްކަމަށް މި
ޖަމްޢިއްޔާއަށް ފެންނާތީ، މިގޮތަށް ކަންތައް ނުކުރުމަށް ދައުލަތުގެ އެންމެހާ
އިދާރާތަކަށް އިލްތިމާސްކުރަމެވެ.
No comments:
Post a Comment